ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް މިރޭ ފައްޓަވާނެ ކަމަށެވެ.
އެގޮތުން، ރައީސް އެންމެ ފުރަތަމަ ބައްދަލުކުރެއްވުމަށް ނިންމަވާފައިވަނީ ވިލިމާލޭގައި ދިރިއުޅޭ މީހުންނާ އެވެ. މި ބައްދަލުކުރެއްވުން އޮންނާނީ މިރޭ 8:30 ގައި މުހްޔިއްދީން ސްކޫލްގައި ކަމަށް ހީނާ ވިދާޅުވި އެވެ.
ރައީސްކަމުގެ ހުވާކުރެއްވި ފަހު، މިދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އެއީ އެމަނިކުފާނުގެ ވައުދެއް ވެސް މެ އެވެ.
އަދި މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.



