ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް އެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢު ތިބިކަން ޢަމަލީ ގޮތުން ދައްކުވައި ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިކަމަށް ގޮވާލެއްވީ ފަލަސްޠީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ފަލަސްޠީނު ރައްޔިތުންނާއެކު އެއްބައިވައްތަކަން ހާމަކުރުމުގެ ދުވަސް މިއަދު ފާހަގަކުރާއިރު، ފަލަސްޠީނުގެ ބިމުގައި ހާލަތު އޮތީ އަދިވެސް ގޯސްކޮށް ކަމަށެވެ. ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް ޔަހޫދީން މެދުކެނޑުމެއް ނެތި ޣައްޒާއަށް ޙަމަލާތައް ދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހުޅުގަނގު އަސޭރީގެ އިތުރު ބިންތައް ހިފައި ޔަހޫދީން އާބާދު ކުރުވުމާއި، ފަލަސްޠީނުގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި ހަމަޖެހުން ޤާއިމްކޮށް އިޤްތިޞާދީ ގޮތުން ފާގަތިކަން ހޯދުމަށް ކުރާ މަސައްކަތް ހުއްޓުވުމަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވަނީ މިހާލަތުގައި ފަލަސްޠީނުގެ ރައްޔިތުންނާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢު ތިބިކަން ޢަމަލީ ގޮތުން ދައްކުވައި ދިނުމަށް ގޮވާލައްވާ އެކުގައި މަސައްކަތްކޮށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ. މިކަމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށް އެ ޤައުމުގެ ރައްޔިތުނުންގެ އުއްމީދުތައް ހާސިލްކުރުމަށް ކުރަންޖެހޭ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ ދިވެހިން ފަލަސްޠީނާއެކު ދެމި ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އަދި މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކޮށް 1967 ގެ ކުރީގެ ބޯޑަރުތަކަށް ރުޖޫޢަވެ، އިރުމަތީ ޤުދުސްއަކީ އެޤައުމުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.
ދިވެހިރާއްޖެއަކީ އަބަދުވެސް ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކޮށް ކުރަމުންދާ ޤައުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިމައްސަލާގައި ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު އިތުރަށް ވަރުގަދަކޮށް ބައިނަލްއަޤްވާމީ އެކި މަންސަތައް ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ވާކާލާތު ކުރުމަށް ދަނީ ބޭނުން ކުރަމުންނެވެ.



