އިނގިރޭސި ރަސްގެފާނު، ކިންގް ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް، “ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި، ރައީސް މުޙައްމަދު މުޢިއްޒު، ރޭ ފުރާވަޑައިގަންނަވައިފި އެވެ.
“ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސްއެމްއައި) އިން އިންތިޒާމު ކޮށްގެން ބާއްވާ “ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން” ގައި ޑިވެލޮޕްމަންޓް ބޭންކުތަކާއި ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާނީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދުވެލި އަވަސްކުރުމަށް، ބައިނަލްއަޤުވާމީ ގުޅުންތައް އިތުރަށް ހަރުދަނާކޮށްގެން، ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދު ގައެވެ.
އަދި، އަމިއްލަ ވިޔަފާރިތަކުން ކުރާ ދުރު ރާސްތާ މަސައްކަތްތަކަކީ، ތިމާވެށީގެ ގޮތުން ޒިންމާދާރު، އަދި ޤައުމީ ފެންވަރުގެ މޫސުމީ އަޒުމުތަކާއި، “1.5 ޑިގްރީ ސެލްސިއަސް ޕާތުވޭ” އަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކާ އެއްއުއިވާ މަސައްކަތްތަކަކަށް ހެދޭނޭ މަގު ދައްކައިދިނުމަކީ، އެސް.އެމް.އައި ގެ އަމާޒެކެވެ.
ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްއަކީ، އިނގިރޭސި ރަސްގެފާނު ޗާލްސްގެ ތަސައްވުރެއްގެ މައްޗަށް ބިނާކޮށް، ހިންގާ ހަރަކާތެކެވެ.



