އިނގިރޭސިވިލާތުގެ ރަސްގެފާނު، ތިންވަނަ ޗާލްސް ރަސްގެފާނު އިސްވެ ހުންނަވައި ބޭއްވެވި ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބަލައިޒޭޝަންގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ދުނިޔޭގެ ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ޕްރައިވެޓް ކެޕިޓަލް މޮބިލައިޒްކުރުމަށް ދުނިޔޭގެ މަސައްކަތްތައް އަވަސްކުރުމަށް އަމާޒުކޮށެވެ.
މި ބްރީފިންގ އިންތިޒާމުކުރީ، ތިންވަނަ ޗާލްސް ރަސްގެފާނު އުފައްދަވާފައިވާ އިނިޝިއޭޓިވްއެއް ކަމަށްވާ ސަސްޓެއިނަބަލް މާކެޓްސް އިނިޝިއޭޓިވް (އެސް.އެމް.އައި) އިންނެވެ. މި ބައްދަލުވުމުގައި މަލްޓިލެޓެރަލް ޑިވެލޮޕްމެންޓް ބޭންކްތަކުގެ (އެމް.ޑީ.ބީސް) އިސްވެރިންނާއި، ޕްރައިވެޓް ފައިނޭންސްގެ ދާއިރާގެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައިވެރިވެވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި ބަހާމާސްގެ ބޮޑުވަޒީރު ފިލިޕް އެޑްވާޑް ޑޭވިސް، ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް އަޖޭ ބަންގާ، އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) ގެ ރައީސް މަސާޓޯ ކަންޑާ ހިމެނިވަޑައިގެންނެވިއެވެ.
ބްރީފިންގގެ ތެރެއިން ރައީސް ޑރ. މުޢިއްޒު ވަނީ، “ޑެޓް-ފޮރ-ކްލައިމެޓް” އަދި “ޑެޓް-ފޮރ-ނޭޗަރ” އިނިޝިއޭޓިވްތައް ކުރިއެރުވުމާއި، ގްރީން ފައިނޭންސްގެ ދާއިރާގައި ޕްރައިވެޓް ސެކްޓަރގެ އެއްބާރުލުން ވަރުގަދަކުރުމާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް (އެސް.އައި.ޑީ.އެސް) ދިމާވާ މާލީ ގޮންޖެހުންތަކާއި، އަވަސް ފައިނޭންސިންގ ބޭނުންވާ މިންވަރު ފާހަގަކުރައްވައި، އެކަންކަން ހައްލުކުރުމަށް ހުށަހެޅުންތަކެއް ވެސް ހުށަހަޅުއްވާފައެވެ.
ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް މި ކުރެއްވި ދަތުރުފުޅަކީ، ތިންވަނަ ޗާލްސް ރަސްގެފާނުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރައީސް ރާއްޖެ ވަޑައިގަންނަވާނެއެވެ.



