ވަކި ފަރާތަކަށް ބުރަވެ ޚަބަރާއި މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމެއް ނޫންކަމަށާއި، އެއީ ސިޔާސީ އެކްޓިވިޒަމްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި، އެ ސަރަޙައްދަށް ނިސްބަތްވާ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން މާފަންނު ރައްޔިތުންނާއެކު ބޭއްވެވި މި ބައްދަލުވުމުގައި، އަދަދު ނޫހުގެ ނޫސްވެރިއަކު ވަނީ މި ސަރުކާރުން ނޫސްވެރިންގެ އަޑު ކަނޑުވާލަން މަސައްކަތްކުރާކަމުގެ ތުހުމަތުކުރައްވާފައެވެ. މި ތުހުމަތުތަކަށް ރައްދުދެއްވައި ރައީސް މުއިއްޒު ވިދާޅުވީ، މިހާރުގެ ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުޞަތުދޭ ސަރުކާރެއް ނެތްކަމުގައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ނޫސްވެރިންގެ ސުވާލުތަކަށް ފުރުޞަތުދިނުމަށް ޚާއްޞަ ބައްދަލުވުމެއް ބޭއްވި އިރު، ނޫސްވެރިންގެ ސުވާލުތައް ހުސްވަންދެން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދެވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފުރުޞަތުތައް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ ނުހަނު ޕްރޮފެޝަނަލް އަދި ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން، ނޫހަކުން އެ ނޫހުގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ ރަސްމީކޮށް ބައްދަލުވުމެއްގައި ވިދާޅުވުމަކީ ޕްރޮފެޝަނަލިޒަމް ގެއްލޭ ކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހެން މި ދަންނަވަންޖެހުނީ އަޅުގަނޑާއި އެކީގައި އެންމެ ފަހުން ނޫސްވެރިންގެ ތެރެއިން ބޭފުޅުންކޮޅެއް ވަޑައިގެން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ދެންމެގައި އަޅުގަނޑާއި ސުވާލުކުރެއްވި ނޫސްވެރިޔާގެ އެޑިޓަރ ނުވަތަ އިސްވެރިޔާ ވިދާޅުވީ ތިމަންނަމެންގެ ނޫހަކީ ސަރުކާރާއި ދެކޮޅު އެޑިޓޯރިއަލް ޕޮލިސީއެއް އޮންނަ ނޫހެކޭ. އެހިސާބުން އޭގެ އަންބަޔަސްކަން ގެއްލުނީ. ވަކި އަތަކަށް ޖެހިފައި އެވަނީ. އެހެންވީމަ އެ ޕޮލިސީ ކަނޑައަޅައިގެން ކުރިއަށްދާއިރަކު ދެން ލެންސް އިންނާނީ އިދިކޮޅު ލެންސެއް. ހަމައެކަނި ނޫސްވެރިކަމެއް ނޫން. އެއީ ޕޮލިޓިކަލް އެކްޓިވިޒަމް
ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ނޫސްވެރިކަމުގެ ހަޤީޤީ މަޤްޞަދު ބަޔާންކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމަކީ ފެކްޓާއި އެކު ގެނެސްދޭންޖެހޭ އެއްޗެއްކަމަށާއި، ދެފަރާތް ހަމަހަމައަށް ބަލައިގެން ޙަޤީގަތް ހާމަކުރުމުގެ ގޮތުން ކުރާކަމެއްކަމަށެވެ. ވަކި ފަރާތަކަށް ބުރަވެ، ނުވަތަ ސިޔާސީ އެޖެންޑާއެއްގައި މަސައްކަތްކުރުމަކީ ނޫސްވެރިކަމުގެ ޕްރޮފެޝަނަލް މިންގަނޑުތަކާ ޚިލާފުކަމެއްކަން ރައީސްގެ ވާހަކަފުޅުން ހާމަވެގެންދެއެވެ.



