ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މާލޭގެ ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މާދަމާ ރޭ (ޑިސެމްބަރު 7) ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މި ބައްދަލުވުން އޮންނާނީ މާދަމާ ރޭ 20:30 ގައި ކަލާފާނު ސްކޫލްގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމަށް ހެންވޭރުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމެވެ. އަދި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުއިއްޒު މި ސިލްސިލާ ބައްދަލުވުންތައް ބާއްވަވަނީއެވެ. ރައީސް ޑރ. މުއިއްޒު މިފަދަ ބައްދަލުވުންތަކެއް މާލޭގެ ވަކިވަކި އަވަށްތަކަށް އަމާޒުކޮށް ބާއްވަވަން ނިންމެވިކަން އިއުލާން ކުރެއްވީ ސަރުކާރަށް ދެ އަހަރުވީ ދުވަސް ކަމަށްވާ މި މަހުގެ 17 ގައެވެ.
މިހާތަނަށް ރައީސް މުއިއްޒު ވަނީ މާލޭގެ ތިން އަވަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ވިލިމާލެ، މާފަންނު އަދި މައްޗަންގޯޅީގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައީސް ގެންދަވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، އެމީހުންގެ ޝަކުވާތައް ވަރަށް ގާތުން އަޑުއައްސަވަމުންނެވެ. މިއީ ރައްޔިތުންނާ އެންމެ ގާތުން ގުޅުން ބަދަހިކުރުމަށް ރައީސް ގެންދަވާ މުހިންމު މަސައްކަތެކެވެ.



