މާލޭގައި ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް ސަސްޕެންޑްކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ހިންގި އެ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަލީ މަނިކު، 43، ސ. ހިތަދޫ / އަސަރީވިލާ އެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ވަނީ ހާދިސާ ހިނގި ސެލޫނަށް ދިޔަ ފުލުހަކާ ވެސް ކުރިމަތިލައި، މާރާމާރީ ހިންގައި، ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އަޅާފައެވެ. އަދި އޭނާއަކީ ފުލުހެއް ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުންގެ މުވައްޒަފެއްގެ މައްޗަށް މިފަދަ ޖިނާއީ ތުހުމަތެއް ކުރެވި، ހައްޔަރުކުރުމާ ގުޅިގެން، އޭނާ ވަނީ 2025 ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރެވިފައެވެ. މި މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން، އޭނާއާ މެދު އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ދަނީ ކުރަމުންނެވެ.
ކުށުގެ ތުހުމަތަށް އަލީ މަނިކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ވަނީ ބަންދަށް ފަސް ދުވަސް ދީފަ އެވެ.
އެ އަމުރުގައިވާ ބުނެފައިވާ ގޮތުގައި މާރާމާރީގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުއްޓާ އަލީ މަނިކު ކަސްޓޯޑިއަލް ތެރެއަށް ވެއްޓި ހަރަކާތް ދަށްވަމުން ދިއުމުން ބަންދުގެ މުއްދަތު އިތުރުކުރީ ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށެވެ. އެހެންވެ އޭނާ ހޮސްޕިޓަލުން ދޫކޮށްލާތާ 24 ގަޑިއިރު ތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިކުރަން ގާޒީ ވަނީ އަންގަވައިފަ އެވެ.



