އެހެން މީހެއްގެ ވައިބާ އެކައުންޓު ކޮމްޕްރޮމައިޒްކޮށް، އެ އެކައުންޓުން މީހުންނާ ވާހަކަ ދައްކައި ސްކޭމުކޮށްގެން 150،000 އަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ގ. މާލެހިޔާ 1-16-03 އަހުމަދު ހައްސާން އެވެ.
އުމުރުން 33 އަހަރުގެ ހައްސާން ހައްޔަރުކުރީ މީހެއްގެ ވައިބާ އެކައުންޓު ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ.އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާ ކަމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ހައްސާން ވަނީ މަކަރާއި ހީލަތުން އެކި ފަހަރު މަތިން އެކި މީހުންގެ އަތުން 150،300ރ. ހޯދައި އެ ފައިސާގެ ތެރެއިން 75،000ރ. ނަގާފައެވެ.
ހައްސާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.



