މިދިޔަ ވެރިކަމުގައި ހުޅުމާލެ ފޭސް ތިނެއް ނުހިއްކައި، ގޯތި ދީފައި ތިބި އެންމެންނަށް ފޭސް ތިނެއް ހިއްކާ ނިމުނުހާ އަވަހަކަށް ގޯތިތައް ޙަވާލުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ، މާލެ ސަރަޙައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ކަލާފާނު ސްކޫލުގައި ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައްޔިތުންގެ ގިނަ ސުވާލުތަކެއް އަމާޒުވި މި ބައްދަލުވުމުގައި، ކުރީ ސަރުކާރުން ގޯތި ލިބުނުކަމަށް ނިންމާފައިވާ ފަރާތްތަކަށް އެ ގޯތިތައް ލިބޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ހިޔާ ފްލެޓްތަކުން ފްލެޓް ލިބުނުނަމަވެސް، މިދިޔަ ސަރުކާރުން އެ ފްލެޓްތައް ނުދޭން ނިންމި މީހުންނަށް ވެސް މި ސަރުކާރުން ފްލެޓް ލިބޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ދާއިރާއިން ގެންނަ ބަދަލުތަކުގެ ތެރޭގައި، އެއްކޮޓަރީގެ ފްލެޓްގައި މިހާރު ދިރިއުޅެމުންދާ ފަރާތަކުން އެތަން ދޫކޮށްލާނަމަ، ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭނެ ގޮތަށް ބަދަލު ގެންނަވާނެކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަޝްރޫޢު ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، ފޭސް ތިނަކުން 63 ހެކްޓަރު ހިއްކުމަށް ނިންމާ، މިހާތަނަށް 30 ހެކްޓަރު ވަނީ ހިއްކައިފައެވެ. މި މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއި ބޮސްކާލިސްގެ 22,000 ސީ.ބީ.އެމްގެ ދެ ޑްރެޖަރުގެ އެހީގައެވެ.



