ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ގާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިކަން ހާމަކުރެއްވީ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އިސްލާޙުގެ މަޤްސަދަކީ ޕެންޝަން ފަންޑާއި ގުޅިގެން ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމެވެ. އެގޮތުން ޤާނޫނަށް މި އިސްލާޙު ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި، މަޖިލީހުގެ ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވުމުން މި އިސްލާޙު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރުވެސް ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް ބައެއް ކަންކަން ފަހިކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިހާރު ވެސް އަމިއްލަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާގެ ނިސްބަތަށް ބަލައި، އޭގެން ބައެއް ފަރުޟު ހައްޖު އަދާކުރުމާއި، ގޯތި ގެދޮރު ގަތުމަށް އިކުއިޓީ ދެއްކުން ފަދަ ކަންކަމަށް ބޭނުންކުރެވެ އެވެ.
ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ޕެންޝަން ޤާނޫނު އިސްލާޙު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ތެރޭގައި ހިމެނޭ ކަމެކެވެ.



