މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ މާލޭ ސިޓީގެ ހެންވޭރު ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވިގޮތުގައި ޕާކިން ޒޯންތައް އަޅަން ނިންމީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކާއި، ޚާއްޞަކޮށް ޕާކިންގެ ދަތިކަން ހައްލުކުރުމަށްޓަކަ އެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ މާލޭގެ މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތަފްސީލުތައް ވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން، މާލޭގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި ޗައިނާގެ އެހީގައި ވަރަށް ބޮޑު މަޝްރޫޢުއެއް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެ މަޤްޞަދަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގިނަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
ޕާކިންގެ މައްސަލަ ހައްލުކުރުމުގެ އިތުރުން، މާލޭގެ މާރުކޭޓުތައް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ތަރުކާރީ މާރުކޭޓެއް ހިމެނޭހެން މިކްސްޑް ޔޫސް މާރުކޭޓެއް އިމާރާތް ކުރެއްވުމަށް ވަނީ ރާވާފަ އެވެ.
އަދި މަސްމާރުކާޓު މިހާރު ހުރި ސަރަހައްދުގައި މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަ އޮފީސް އިމާރާތެއް ތަރައްޤީ ކުރުމަށް ވެސް ސަރުކާރުން ރާއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.



