ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ފުލުހުންގެ ބަހާތަކުގެ މަސައްކަތްތައް އަވަސްކޮށް އެފިޝަންޓްކުރުމުގެ ގޮތުން ތައާރަފްކޮށްފައިވާ އައު ޑިޖިޓަލް ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް މިއަދު އިފްތިތާހުކޮށްފިއެވެ. މި ޚިދުމަތްތައް އިފްތިތާހުކޮށްފައިވަނީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި “ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025” އިވެންޓްގައެވެ.
މި އިވެންޓްގައި ވަނީ އިތުރު ގިނަ ފީޗަރސްތަކާއެކު ޕޮލިސް އެޕްލިކޭޝަން އިފްތިތާހުކޮށްފައެވެ. އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުއެވެ. ޕޮލިސް އެޕްލިކޭޝަންގެ އެންމެ ހާއްސަ ފީޗަރއަކީ ޚިދުމަތަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ހޯދުމަށްޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެވެ. މިއީ ރައްޔިތުންނަށް މައްސަލަތައް ކުރިއަރާފައިވާ މިންވަރު އެނގި، ފުލުހުންނާ ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން އެޕްލިކޭޝަންގައި ހިމެނޭ އެހެން މުހިންމު ފީޗަރސްތަކުގެ ތެރޭގައި ސްކޭމް ޗެކްކުރެވުމާއި، އެޕްލިކޭޝަން މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް އެދުމާއި، މައްސަލަ ރިޕޯޓްކުރުމާއި، އެވިޑެންސް ސަބްމިޝަން ހިމެނެއެވެ. އަދި އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތަކާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން، ކޭސް އަޕްޑޭޓްސް، އަދި ލޮސްޓް އެންޑް ފައުންޑް ފަދަ ޚިދުމަތްތައް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާނެއެވެ.
މި އިވެންޓްގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ސައިބަރ ޕޯޓަލްވެސް އިފްތިތާހުކޮށްދެއްވާފައެވެ. މި ޕޯޓަލްއަކީ މުޖުތަމައުގައި ހިނގާ ސައިބަރ ކުށްތައް ދެނެގަނެ އެކަމުން ރައްކާތެރިވުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓްކުރެވިފައިވާ ސްކޭމްއާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާރޗްކުރެވޭނެ ގޮތަށް ވަނީ ތައްޔާރުކުރެވިފައެވެ.
މީގެ އިތުރުން މި އިވެންޓްގައި ވަނީ ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތައް ބެލެހެއްޓުމަށްޓަކައި ތައްޔާރުކޮށްފައިވާ ފްލީޓް މެނޭޖްމަންޓް ސިސްޓަމާއި، އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެންޓްރީ މެނޭޖްމަންޓް ސިސްޓަމް ދައްކާލާފައެވެ. އަދި ފުލުހުންގެ އުމްރާނީ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކުގެ އަދާހަމަ ފަސޭހައިން ބެލޭނެ ޕޮލިސް އިންފްރާސްޓަރަކްޗަރ ޕްރޮޖެކްޓްސް ސިސްޓަމް ވެސް ވަނީ ތައާރަފްކޮށްފައެވެ.



