މިދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަޙައްދުގައި ޖުމްލަ 50 އެކްސިޑެންޓް ހިނގާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އެކްސިޑެންޓްތައް ހިނގާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެގޮތުން މި ހޮނަހިރު ދުވަހުގެ ނިޔަލަށް ހިނގި އެކްސިޑެންޓުތަކުގައި 37 އުޅަނދަކަށް ގެއްލުން ލިބިފައިވާއިރު، މިއީ ހިނގި އެކްސިޑެންޓްތަކުގައި ހިމެނޭ %97 އުޅަނދުކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުންގެ މަޢުލޫމާތުތަކަށް ބަލާއިރު، އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 10 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެދުވަހު 5 އެކްސިޑެންޓް ހިނގާފައިވެއެވެ. މީގެއިތުރުން، ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން %74 (37 އެކްސިޑެންޓް) ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ. އަދި ބާކީ %26 (13 އެކްސިޑެންޓް) ހިނގާފައިވަނީ ރޭގަނޑުގެ ވަގުތުގައެވެ.
އެކްސިޑެންޓް ހިނގި ސަރަޙައްދުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓުތަކުގެ ތެރެއިން %22 އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖާއި، ހައިވޭގައެވެ. އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލު ދުއްވުމުގެ ތެރޭގައެވެ. އެގޮތުން، ދެ ސައިކަލު ޖެހިގެން 15 އެކްސިޑެންޓް ހިނގާފައިވާއިރު، ސައިކަލާއި ކާރު ޖެހިގެން 10 އެކްސިޑެންޓް ހިނގާފައިވެއެވެ. ފުލުހުން ވިދާޅުވާ ގޮތުގައި، މިފަދަ އެކްސިޑެންޓްތައް އާންމުކޮށް ހިނގަން ދިމާވަނީ ދުއްވަންޖެހޭ ސްޕީޑަށްވުރެ ބާރު ސްޕީޑްގައި އުޅަނދު ދުއްވުމުގެ ސަބަބުންނެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމަށާއި، އޯވަރޓޭކް ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށާއި، ދުއްވާ އެއްޗިއްސަށް އުނދަގޫ ނުވާނެ ގޮތަކަށް، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުމަތީގެ ޤަވާއިދުތަކަށް ޢަމަލުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.



