ގަވައިދާ ޚިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އިމިގްރޭޝަނުން އިއްޔެ މާލޭގެ ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ. މި އޮޕަރޭޝަނުގައި، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ތިން ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، ގަވައިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވުމަށް މަސައްކަތްކުރާ ޓާސްކްފޯސްއިން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގެ ތެރެއިން، އެ ހަތަރު މަސާޖު ޕާލާގައި ހިންގަމުންދިޔަ ވިޔަފާރި ވަގުތުން ހުއްޓުވުމުގެ ފިޔަވަޅުތައް އިކޮނޮމިކް މިނިސްޓްރީން ވަނީ އަޅައިފައެވެ. ނަމަވެސް، މި މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މިފަދަ އޮޕަރޭޝަންތައް އިމިގްރޭޝަނުން ދަނީ މެދުކެނޑުމެއްނެތި ހިންގަމުންނެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ހިންގި އޮޕަރޭޝަނެއްގައި ހަތަރު މަސާޖު ޕާލާ ބަލައި ފާސްކޮށް، ހަތަރު ބިދޭސީން ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި އެ ހަތަރު ތަނަށް ވެސް ފިޔަވަޅު އެޅި ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
މަސާޖު ޕާލާތަކުގެ ނަމުގައި ގަވާއިދާ ޚިލާފު ކަންތައްތައް، ޚާއްސަކޮށް ހަށިވިއްކުމުގެ ވިޔަފާރި ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން މިފަދަ ބައެއް ތަންތަން ބަންދުކޮށް، ގަވާއިދާ ޚިލާފުވާ މީހުން ހައްޔަރުކުރެއެވެ.



