މާލޭގައި މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 377.39 ގްރާމް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަތަރު މީހުންނެވެ. އެއީ އުމުރުން 22 އަހަރުގެ ޙަސަން އަނަސްއާއި، ޏ.ފުވައްމުލައް 22 އަހަރުގެ މޫސާ ޝަހީމްއާއި، ބ.ގޮއިދޫ 25 އަހަރުގެ ޙުސައިން ޝަރުވާންގެ އިތުރުން ނޭޕާލުގެ ރައްޔިތެއް ކަމަށްވާ 21 އަހަރުގެ ނިޝާ ރާއިއެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އަނަސްއަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. އަދި މޫސާ ޝަހީމާއި، ޙުސައިން ޝަރުވާންއަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
ނޭޕާލު ރައްޔިތެއް ކަމަށްވާ ނިޝާ ރާއީގެ ބަންދުގެ މުއްދަތު ކޯޓުން ދިނުމުގައި ތަފާތު ގޮތަކަށް އަމަލުކޮށްފައިވެއެވެ. ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ނިޝާ ރާއީއަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންވެސް ދީފައިވަނީ އެއް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް، ތިންވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ނިޝާ ރާއީގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުންގެ މައުލޫމާތު ދެއެވެ.
މި މައްސަލަ މިހާރު ދަނީ ޑްރަގް އެންފޯސްމަންޓުން އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



