އަންނަ ދިރާސީ އައު އަހަރުން ފެށިގެން އެއްވެސް ދަރިވަރަކަށް ކްލާސް ގަޑީގައި މޯބައިލް ފޯނު ބޭނުން ނުކުރެވޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ އެއްވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގްރޭޑް 10 އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން މަނާކުރުމަށް ގިނަ އަދަދެއްގެ ބެލެނިވެރިން އެދެމުންދާ ކަމަށެވެ. މިހާރުވެސް އެ ގްރޭޑްތަކުގެ ކުދިންނަށް ފޯނު ގެންދިއުން މަނާކުރެވިފައި އޮތް ނަމަވެސް، އެކަން އެންމެ އެދެވޭ ގޮތެއްގައި ތަންފީޒު ނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަންނަ ދިރާސީ އަހަރުން ފެށިގެން އެކަން ވަރަށް ހަރުކަށިކޮށް ބަލަމުންދާނެ ކަމަށެވެ.
މަތީ ސާނަވީ ނުވަތަ އޭލެވެލްގައި ކިޔަވާ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދިއުމުގެ ހުއްދަ އޮތް ނަމަވެސް، އެ ކުދިންނަށް ވެސް ކްލާސް ގަޑީގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ނިޒާމުގެ ދަށުން ދަރިވަރުންނަށް ފޯނު ލިބޭނީ ކްލާސްތައް ނިމުމުންނެވެ.
“ގްރޭޑް 11 އާއި 12 ގެ ދަރިވަރުން ސްކޫލަށް ގެންނަ ފޯނުތައް ބަހައްޓަން ޖެހޭނީ އެޑިއުކޭޝަން މިނިޓްރީން ސްކޫލްތަކުގައި ގާއިމުކުރާ ޚާއްސަ ލޮކަރުތަކެއްގައި،” ރައީސް ވިދާޅުވިއެވެ.
ސަރުކާރުން މި ފިޔަވަޅު އަޅަން ނިންމާފައި މިވަނީ، ދާދިފަހުން ރާއްޖޭގެ ސްކޫލެއްގެ ކްލާސް ގަޑީގައި ދަރިވަރުންތަކެއް ފޯނު ބޭނުންކުރި މައްސަލައެއް ފެންމަތިވެ، ސްކޫލަށް ފޯނު ގެންދިއުމާ ދެކޮޅަށް އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގައެވެ.



