ބައެއް ދިވެހިން ދަނީ ތައިލެންޑާއި މެލޭޝިޔާގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުން ކަމަށާއި އެގޮތަށް ފާހަގަކުރެވޭ ތިން މީހެއްގެ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް ކޮންޓްރޯލް، އަހުމަދު ނާއިފް ވިދާޅުވީ، ސައުތު އީސްޓް އޭޝިޔާ ސަރަހައްދުގައި ދިވެހިން ޤާއިމްވެ ތިބެގެން މަސްތުވާތަކެތި ރާއްޖެއަށް ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
މި ވަގުތު އެގޮތަށް ފާހަގަކުރެވޭ ތިން ދިވެއްސެއްގެ ކަންކަން ކަމާގުޅުންހުރި ފަރާތްތަކާއި ހިއްސާކޮށް އެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން އެއާ ކާގޯ އާއި، ސީ ކާގޯ މެދުވެރިކޮށް އިލެކްޓްރިކް އައިޓަމްތަކާއި ބަދިގޭގައި ގެންގުޅޭ ސާމާނުތަކުގެ ތެރޭގައި ހިމެނޭ އަވަނާއި ތެލިފަދަ ތަކެތީގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން ފާހަގަވެފައިވާ ކަމަށް ނާއިފް ވިދާޅުވިއެވެ. ނާއިފް ވަނީ، ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ޤާއިމްވެގެން ތިބި ކަމުގައި ވިޔަސް އެފަދަ ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެން ވިޔަސް، ރާއްޖެ ގެނެސްގެން ތަހުގީގު ހިންގާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ބޭރުގައި ގާއިމްވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުންދާ ފަރާތްތަކާއި ގުޅޭގޮތުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އެ ފަރާތްތަކުގެ ތެރޭގައި ޖިނާއީ ތަހުގީގު ރެކޯޑް ވެސް ހުރި ފަރާތްތައް ހިމެނޭ ކަމަށް ނާއިފް ވިދާޅުވިއެވެ.



