ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ވައިގެމަގުން ރާއްޖެއަށް އަންނަ މުދާ ކްލިއާކުރުމަށް ކަސްޓަމްސްއިން ދޭން ޖެހޭ ހުރިހާ ހިދުމަތްތަކެއް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ، ކްލިއަރެންސްގެ މަސައްކަތް މިހާރު އޮންނަނީ 18 ގަޑިއިރަށްކަމަށެވެ. ނަމަވެސް ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުމަށްބަލައި މިކަން 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ، މުދާ ޑެމަރޭޖް ނާރާނެހެން ފްރީކޮށް ބެހެއްޓޭ 80 ގަޑިއިރުގެ މުއްދަތުވެސް 124 ގަޑިއިރަށް އިތުރުކޮށްދެއްވާނެ ކަމަށެވެ. މި ބަދަލު ގެނައުމުގެ ބޭނުމަކީ، ކުރިން ޑެމަރޭޖް ދައްކަންޖެހޭ ވަގުތު ކުރުވުމުގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި އަދަދުތަކެއް ހަރަދުވާ ކަމަށް ވިޔަފާރިވެރިން ކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދިނުމެވެ.
ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނީ ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ ހުރިހައި ޚިދުމަތްތައް، 24 ގަޑިއިރަށް މިހާރު ބަދަލުކޮށްފައިވާކަމަށެވެ.



