އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ “ރިވެލި” އޮޕަރޭޝަނުގައި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްުޔަރުކޮށްފި އެވެ.
ފުލުހުން ހާމަކުރިގޮތުގައި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ 44 އަހަރުގެ ޝުކޫރު އަލީ އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރު ކުރީ، ރޭ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެއްޗާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސިންނާއި އެ މީހުން ގަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓު ފޮއްޓާއި 3200 އަށް ވުރެ ގިނަ ޑޮލަރާއި 2900 އަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އޭނާ އުޅެމުންދިޔަ ތަން ބަަލައިފާސްކުރުމުގެ ތެރެއިން 32 ކާޓޫގެ ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓު ފެނިފައި ވެ އެވެ.
މި މައްސަލައިގައި ޝުކޫރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



