އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނި، “ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން” މެދުވެރިކޮށް 3،000 އަށް ވުރެ ގިނަ ފްލެޓް އަޅައި އާންމުންނަށް ދޫކުރުމަށް އެ ބޭންކުން ނިންމައިފިއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 2,341 ފްލެޓްގެ މަސައްކަތް ޗައިނާގެ ދެ ކުންފުންޏެއް ކަމަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ މިއަދު ވަނީ ހަވާލުކޮށްފައެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، ޗައިނާ ކުންފުނިތަކާ ހަވާލުކުރި ޔުނިޓްތަކުގެ އިތުރުން ދިވެހި ކުންފުނިތަކާ ގުޅިގެން ވެސް އިތުރު ހައުސިން ޔުނިޓްތަކެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ މަޝްރޫއުތަކެއް އެއްކޮށްލުމުން ޖުމުލަ 3,000 އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ “ނެޝަނަލް ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ބީއެމްއެލްގެ އަމާޒަކީ ދިވެހި އާއިލާތަކަށް ފެންވަރު ރަނގަޅު، އަދި މާލީ ގޮތުން އަތްފޯރާފަށުގައި ހުރި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކޮށްދީ، ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އެހީތެރިވުމެވެ.
ހައުސިން މިނިސްޓްރީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫއުގައި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ “ލީސް-ޓު-އޯން” ނުވަތަ ކުލި ދައްކައި ހަލާސްކުރުމުން މިލްކުވާ އުސޫލުންނެވެ. މިއީ އާންމުންނަށް ބޮޑު ތަކުލީފަކަށް ނުވާނޭހެން، ލުއި ގޮތަކަށް އަމިއްލަ ބޯހިޔާވަހިކަމެއް މިލްކުކުރުމުގެ ފުރުސަތު ދިނުމަށް އެކުލަވާލާފައިވާ މޮޑެލްއެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.



