ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މާދަމާ އިން ފެށިގެން ކޮންމެ މަހަކު 2,000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ސަރުކާރުން މިއަދު ނިންމައިފިއެވެ. މިއީ މި ބަލި ތަހައްމަލުކުރާ ފަރާތްތަކަށް ދައުލަތުން މިފަދަ ހާއްސަ އިނާޔަތެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން 2026 ވަނަ އަހަރު އަލަށް ފަށާ ޕްރޮގުރާމުތައް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި، މި ޕްރޮގުރާމު އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މި އިނާޔަތަކީ ތެލެސީމިއާ ކުދިންގެ އާއިލާތަކަށް ކުރިމަތިވާ މާލީ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް ފެށި މަސައްކަތެކެވެ.
މި އިނާޔަތް ދިނުމަށްޓަކައި އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި 11.7 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ތެލެސީމިއާ ކުދިންގެ ގޮތުގައި މިހާތަނަށް 982 ކުދިން ވަނީ ރަޖިސްޓަރީ ވެފައެވެ.
މި އައު އިނާޔަތާއެކު ތެލެސީމިއާ ބަލި ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެއެވެ.



