ކުރިއަށް އޮތް ރަމަޟާން މަހު ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މި ހިނގާ ޖަނަވަރީ މަހުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މި ފެށުނު 2026 ވަނަ އަހަރަށް މިނިސްޓްރީން ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން މުވައްޒަފުންނާ ބައްދަލުކުރައްވާ މިނިސްޓަރ މިއަދު ވިދާޅުވީ، މި ދިޔަ އަހަރުގެ ރަމަޟާން މަހެކޭ އެއްފަދައިން މި އަހަރު ވެސް ރޯދަ ހަދިޔާ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މި އަހަރު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމާފައިވެއެވެ.
މި ފަހަރުގެ ޢީދުގައި ވެސް އާބާދީ ބޮޑެތި ރަށްރަށުގައި ޢީދު ދިއްލުންތައް ދިއްލަން ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ސިޓީތަކަށް ވެސް އީދު ލައިޓް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.



