ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ ފުރަތަމަބުރަށް ދަރިވަރުން މިއަދު ފުރައިފިއެވެ.
ފަންނީ ތަމްރީނުގައި ބައިވެރިވުމަށް މިއަދު ފުރި މި ދަރިވަރުންނަކީ 2025 ޑިސެންބަރު 28ވަނަ ދުވަހު ދަސްވެނިވި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރޭނިންގގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުގައި މި ތަމްރީނަށް ޝައުގުވެރިކަން ފާޅުކުރި ދަރިވަރުން ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދަނީ ބ.ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒުގައެވެ.
ބ.ކިހާދޫ ގައި ހުންނަ ސިފައިންގެ މަރުކަޒަކީ، އެރަށުގައި ކޯސްޓްލައިން ފައުންޑޭޝަންގެ ފަރާތުން ގާއިމްކުރި “ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރ” އެވެ. މި ސެންޓަރު ސަރުކާރަށް ހަދިޔާކުރެއްވުމުން އެއީ ސިފައިންގެ ތަމްރީން މަރުކަޒެއްގެ ގޮތުގައި، ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވައިފައެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ މިމަރުކަޒުގާ ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.
މި ތަމްރީނުގައި 16 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއިން 50 ފިރިހެން ދަރިވަރުންނާއި 16 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 66 ދަރިވަރުން ބައިވެރިވެފައި ވެއެވެ.



