ކ. ތާޖް އެގްޒޯޓިކާ ރިސޯޓް ކައިރިއަށް މިއަދު ބަންޑުން ޖަހާލި “ބަލްމާ-6” ނަމަކަށް ކިޔާ ބޯޓުން ގެއްލުނު ދެ މީހުންގެ ތެރެއިން ދިވެހި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެ ރިސޯޓް ކައިރިން ކަމަށާއި، މިހާރު އެ ހަށިގަނޑު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މަރުވި މީހާއާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގި އިރު އެ ބޯޓުގައި ޖުމްލަ ހަތަރު މީހުން ތިބި ކަމަށް ސިފައިން މައުލޫމާތު ދެއެވެ. އޭގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގައި ސަލާމަތްކޮށްފައިވާއިރު، ގެއްލުނު ދެ މީހުންގެ ތެރޭގައި ހިމެނޭ ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބަންޑުން ޖަހާލި ބޯޓު މިހާރު އޮތީ އެ ސަރަހައްދުގެ ފަރުމަތީގައެވެ.
ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރުވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ފަރުމައްޗަށް ލައްގާފައިވާ ބޯޓު ފުންކުރުމުގެ މަސައްކަތުގައިވެސް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭ އެއްވެސް މައުލޫމާތެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.



