މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަން ނިކުމެވަޑައިގަންނަވަނީ މީގެ ކުރިން އެ މަގާމުގައި ހުންނަވައިގެން މާލޭ ސިޓީއަށް ހިދުމަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްކެވި މިސާލަކީ ނަމޫނާއެއްކަމަށް ބައްލަވައިގެންކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ގެ ފަރާތުން އެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓު މޭޖާ ޖެނަރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.
ޖަލީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، 2011 ވަނަ އަހަރު ސިޓީ ކައުންސިލްގެ ނިޒާމު ތައާރަފުވީ ފަހުން ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ނުލިބޭ ކަމަށެވެ. ނަމަވެސް އެކަން ބަދަލުކުރެއްވީ 2022 ވަނަ އަހަރު މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވި މިހާރުގެ ރައީސް ޑރ. މުޢިއްޒު ކަމަށް ޖަލީލު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރަށް ތައުރީފު ކުރައްވަމުން ޖަލީލު ވިދާޅުވީ، އެމަނިކުފާނުގެ ދައުރަކީ މާލޭގެ މުނިސިޕަލް ހިދުމަތުގެ ރަންޒަމާން ކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދެ އަހަރާއި ފަސް މަހާއި ދުވަސްކޮޅެއްގެ ތެރޭގައި މާލޭ ސިޓީގެ މުނިސިޕަލް ހިދުމަތުގެ ރަންޒަމާނެއް އައިސްގެންދިޔަ. ރައްޔިތުންގެ ގޭގެއަށް ސިލްސިލާކޮށް ޒިޔާރަތްކުރައްވައި، ސިލްސިލާކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވަވައި، ރައްޔިތުންގެ އަޑު ގާތުން އެއްސެވި،” ޖަލީލު ވިދާޅުވިއެވެ.
މީގެ އިތުރުން، ގުރުއާން މުބާރާތްތަކާއި ކުޅިވަރު ފެސްޓިވަލްތައް ބާއްވައި އިޖުތިމާއީ ރޫހު އާލާކުރުމާއި، އީދު ދިއްލުންތަކުން މާލެއަށް އުފާވެރިކަން ގެނެސްދިނުމުގައި ރައީސް ދެއްކެވި ނަމޫނާ ޖަލީލު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މޭޔަރުކަމަށް ވާދަކުރައްވަނީ ރައީސް ހިންގެވި އެ މަގުން ހިންގެވުމުގެ އަޒުމުގައި ކަމަށާއި، އެމަނިކުފާނުގެ ހިތްވަރާއި ހިންމަތަކީ މިއަދު އޭނާގެ މަސައްކަތުގެ އިންފާހަގައެއް ކަމަށެވެ.



