ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވައިލުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ. މިނިސްޓްރީން ބުނީ ކުންފުނި އުވައިލުމުގެ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވައިލާފައިވާ ކަމަށެވެ.
މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މިނިސްޓްރީން އާންމުކޮށްފައިވާ ރިކުއެސްޓް ފޮ ޕްރޮޕޯސަލް (އާރްއެފްޕީ) އާ އެއްގޮތަށް ތައްޔާރުކޮށް، މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ. ފިނޭންސް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތަކާއި މަޢުލޫމާތު ފުރިހަމަ ނުވާ ހުށަހެޅުންތައް ބާތިލުކުރެވޭނެ ކަމަށެވެ.
އެމްއައިޓީޑީސީ އަކީ ރާއްޖޭގެ މެދުފަންތީގެ ފަތުރުވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި 2016 ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ. ނަމަވެސް، އެ ކުންފުނި އުވައިލުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުއެވެ. މި ނިންމުމާ ގުޅިގެން ކުންފުނި އުވައިލުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ރަސްމީކޮށް ފެށިފައެވެ.
ކުންފުނި އުވައިލުމުގެ މަސައްކަތް ނިމުމުން، އެކަމާ ގުޅޭ ހާއްސަ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހެޅުމަށް ވެސް ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.



