ސަރުކާރުގެ ސްކޫލުތައް އޭސީ ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ‘ކޫލް ސްކޫލް’ މަޝްރޫއުގެ އަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ފަށައިފިއެވެ. ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތެވެ.
ފެނަކައިން މައުލޫމާތު ދީފައިވާ ގޮތުގައި، މާލޭ ސަރަހައްދުގައި ހިމެނޭ ސްކޫލުތަކުގެ ތެރެއިން 75 އިންސައްތަ ސްކޫލެއްގައި މިހާރު ވަނީ އިންޑޯ އޭސީ ޔުނިޓްތައް އިންސްޓޯލުކޮށް ނިންމާފައެވެ. އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލުމެވެ.
މި މަޝްރޫއަކީ ކްލާސްރޫމްތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ކިޔަވައިދިނުމަށް އެކަށީގެންވާ ފިނި މާހައުލެއް ސްކޫލުތަކުގައި ގާއިމުވެގެންދާނެއެވެ.
މުޅި ރާއްޖެއަށް ފުޅާކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އަތޮޅުތަކުގެ ސްކޫލުތަކުގައިވެސް އޭސީ ހަރުކުރުމުގެ މަސައްކަތްތައް ތަރުތީބުން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.



