ތަކެތީގެ އަގުއުފެލުމުންދާ މި ދަނޑިވަޅުގައި ގިނަ ރައްޔިތުންތަކެއް ބަނޑަށް ޖެހިދާނެތީ ވަރަށް ކަންބޮޑުވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ތަކެތީގެ އަގުތައް ރާއްޖޭގައި ކުއްލިއަކަށް އަތްނުފޯރާ ހިސާބަށް ދާއިރު އާއްމުދަނީއެއް ލިބޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން ސަރުކާރު ކުންފުނިތަކުން ވިއްކާ އާއްމު ދިރިއުޅުމުގައި ބޭނުންކުރާ މުދަލުގެ އަގު ހެޔޮ ކުރުމަށް ކުރީގެ ޑިފެންސް މިނިސްޓަރު ގޮވާލެއްވިއެވެ. އަދި މިފަދަ ކޮންމެ ކަމަކުން ނިކަމެތި ވަނީ ދިވެހި ރައްޔިތުން ކަމުގައި ވިދާަޅުވިއެވެ.
އާދަމް ޝަރީފު މިގޮތަށް ވިދާޅުވެފައި މިވަނީ މިފްކޯއުން ވިއްކާ ދަޅު މަހުގެ އަގު އިއްޔެ ބޮޑު ކުރުމާއި ގުޅިގެންނެވެ. އެގޮތުން މިފްކޯއިން ވަނީ ދަޅުމަސް ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފައެވެ.