ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ދިވެހި ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމާފައިވާ މަސްދަޅު ކޭސް، މި ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ބަހަން ފަށާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްދަޅު ކޭހެއް ހަދިޔާކުރާނެ ކަމަށެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރުމުގެ މަސައްކަތް އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ތަކެތި ބަލާ ދިއުމަށް ނަންބަރު ނަގަން ޖެހެނީ ފުލުހުން ތައާރަފްކުރާ ހާއްސަ ޕޯޓަލެއް މެދުވެރިކޮށެވެ. މި އިންތިޒާމުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ޖުމްލަ 15 މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ސޯޝަލް ސެންޓަރާއި، ގަލޮޅު ދަނޑާއި، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ސްކޫލްތަކާއި ފްލެޓްތައް ހިމެނެއެވެ.
މަސްދަޅު ދޫކުރާނެ ގޭބިސީތައް ކަނޑައެޅުމުގައި މާލެ ސަރަހައްދުގައި ބަލާފައިވަނީ ކޮންމެ ޑޮމެސްޓިކް ކަރަންޓު މީޓަރަކީ ވަކި ގޭބިސީއެއްގެ ގޮތުގައެވެ. ރަށްރަށުގައި ގޭބިސީގެ ގޮތުގައި ބަލާފައިވަނީ ވަކިން ކައްކާ ކައިބޮއި ހަދާ ކޮންމެ އާއިލާއެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅި ރާއްޖެއިން ޖުމްލަ 118,673 ގޭބިސީއަކަށް މި ހަދިޔާ ލިބޭނެއެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ 61,755 މީޓަރާއި ރަށްރަށުގެ 56,918 ގޭބިސީ ހިމެނެއެވެ.
އަތޮޅުތެރޭގެ ރަށްރަށަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާއިރު، ރަށްރަށުގައި މި ތަކެތި ބެހުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލްތަކުންނެވެ. މި މަޝްރޫއަކީ ރޯދަ މަހާ ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތެކެވެ.



