ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ އެކި ދާއިރާތަކަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި އެކަމަނާ ވަނީ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވައި، ކެންޑިޑޭޓުންނަށް ހިތްވަރު ދެއްވާފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ ވަނީ ސިޔާސީ މައިދާނުގައި މަސައްކަތް ކުރާއިރު ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ޤައުމީ ޚިދުމަތުގެ ދާއިރާތަކާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ މުޖުތަމަޢުގެ ކުރިއެރުމަށް ނުހަނު ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ކޮންގްރެސް ޕާޓީގެ ފަރާތުންނެވެ. އެގޮތުން މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ވެސް އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް މިހާރު ދަނީ ވަރަށް ފޯރިއާއެކު ކުރިއަށް ގެންދަމުންނެވެ.



