މި ސަރުކާރަކީ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ވިންދާއި އިހުސާސްތައް ގާތުން ދެނެގަނެގެން މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި، ރައްޔިތުންނާއި ސަރުކާރާ ދެމެދަށް އިދިކީލަ ވިސްނުންތަކެއް ވެއްދުމުގެ ފުރުސަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ކޮންގްރެސް ޕާޓީގެ ހާއްސަ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ސަކަރާތް ޖެހުމާއި ސިޔާސީ ޖަގަޑާ ހެދުމުގެ ތެރެއިން ރައްޔިތުންނާއި ސަރުކާރާ ދެމެދު ހުރަސްތަކެއް ކުރިމަތިވިޔަ ނުދިނުމަށް އިންތިޚާބުގައި ސަމާލުވާން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރު އޮތީ ރައްޔިތުންނާ އެކީގައި ކަމަށާއި، ވެވަޑައިގެންފައިވާ ވައުދުތައް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައްޔިތުންނަށް އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ދޭން ނިންމި ފްލެޓްތަކާއި ގޯތިތައް ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އަދި ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކާ ނިމިފައިވާ އިރު، ގިރާވަރުފަޅާއި ގުޅީފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ ތަރައްޤީގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އޭޕްރީލް މަހުގެ ތެރޭގައި ފުށިދިއްގަރުފަޅުން ދޫކުރުމަށް ޕްލޭންކޮށްފައިވާ ގޯތިތަކުގެ ވަގުތީ ލިސްޓު އާންމުކުރާނެ ކަމަށެވެ. މި ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރަށް އެއްބާރުލުންދޭނެ އިޚްލާސްތެރި މޭޔަރަކާއި ކައުންސިލް ޓީމެއް ބޭނުންވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



