ހުޅުމާލޭ ހިޔާ ފްލެޓްގެ ފަސްވަނަ ޓަވަރުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ހަތް އެޕާޓްމަންޓެއްގައި ދިރިއުޅޭ 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ. އެ އޮތޯރިޓީން މައުލޫމާތު ދިން ގޮތުގައި މި މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވަނީ ކުރިއަށް އޮތް ފަސް ދުވަހުގެ މުއްދަތަށެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޓަވަރުގެ ވައިގޮޅިއެއްގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި އެޕާޓްމަންޓްތަކުގެ އެތެރެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވި ނަމަވެސް، ޓަވަރުގެ މައި ފާޚާނާ ހޮޅިއަށް ގެއްލުންވުމުގެ ސަބަބުން ބައެއް އެޕާޓްމަންޓްތަކުގެ ފާޚާނާ ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގެއްލުންވި އެޕާޓްމަންޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ ފަށާފައެވެ. އެޗްޑީސީގެ އިތުރުން އެމްއެންޑީއެފް، ފުލުހުން އަދި އެމްޑަބްލިއުއެސްސީ ގުޅިގެން ނަރުދަމާގެ ނިޒާމަށް ލިބުނު ގެއްލުންތައް ދެނެގަނެ، އެކަން ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެންޑީއެމްއޭ އިން ބުނީ އެޕާޓްމަންޓްތައް މަރާމާތުކޮށް ނިމެންދެން އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އިތުރު އެހީތެރިކަމެއް ބޭނުންވާ ފަރާތްތަކުން އެންޑީއެމްއޭގެ އިމަޖެންސީ ނަންބަރު 115 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.



