މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އޯޕަން ޑޭ 2026” ރަސްމީކޮށް ފަށައިފިއެވެ. މާލޭގައި ހުންނަ ޒުވާނުންގެ ވެހީގައި ކުރިއަށްދާ މި ހަރަކާތަކީ ޒުވާނުންނަށް ހާއްސަކޮށްގެން، މިނިސްޓްރީގެ ދަށުން ހިންގާ އެކި އޮފީސްތަކާއި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި ލިބެން ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އިވެންޓެކެވެ. މި އިވެންޓު ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
މި ހަރަކާތުގައި މިނިސްޓްރީގެ ދަށުން ހިންގާ މުހިންމު މުއައްސަސާތަކުގެ ސްޓޯލްތައް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ނެޝަނަލް ލައިބްރަރީ، އެންސީބީ، ގައުމީ އަރުޝީފް އަދި ނެޝަނަލް ސެންޓަރ ފޯ ދަ އާރޓްސް (އެންސީއޭ) ހިމެނެއެވެ. މީގެ އިތުރުން އެންޖީއޯ ޑިޕާޓްމަންޓާއި، ޔޫތު ހެލްތު އެންޑް ވެލްބިއިން އަދި ޔޫތު އެމްޕަވާމެންޓް ޑިޕާޓްމަންޓުގެ ސްޓޯލްތަކުން ވެސް މައުލޫމާތު ފޯރުކޮށްދެމުންދެއެވެ. މި ސްޓޯލްތަކުން އެ ތަންތަނުގެ މަސައްކަތްތަކާއި، ލިބެން ހުރި ހިދުމަތްތަކުގެ ތަފްސީލު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ.
އިވެންޓުގެ ތެރެއިން ޒުވާނުންނަށް ތަފާތު ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ. އެގޮތުން ނެޝަނަލް ލައިބްރަރީ އާއި ޔޫތު ޑިޕާޓްމަންޓުގެ ސްޓޯލްތަކުން ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ލިބޭއިރު، އެންސީއޭގެ ސްޓޯލުން އާޓިސްޓިކް ޑައިރެކްޓްރީގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން ޔޫތު ހެލްތު އެންޑް ވެލްބިއިންގެ ސްޓޯލުން ހެލްތު ސްކްރީނިންގް ހެދުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ލައިވް ކަރޯކޭ އާއި މިއުޒިކް ކުޅުމުގެ ފުރުސަތު ވެސް ޒުވާނުންނަށް ލިބިގެންދާނެއެވެ.
މައުލޫމާތު ދިނުމުގެ އިތުރުން، މިއީ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ވެސް ހިމެނޭ އިވެންޓެކެވެ. އެގޮތުން ލައިވް ޕާފޯމަންސްތަކާއި، ތަފާތު ގޭމްތައް ކުޅުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އޯޕަން ޑޭއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކާއި ސަޕްރައިޒްތަކެއް ލިބިގެންދާނެ ކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



