އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 2،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ. މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ މާދަމާ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 1,197 ފޯމަކާއި އަމިއްލަ ގޮތުން ކުރިމަތިލީ ފަރާތްތަކުގެ 359 ފޯމެއް ވަނީ ބަލައިގެންފައެވެ. މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއުޑީސީ) ޕާޓީތަކުން ހުށަހެޅި 1,091 ފޯމަކާއި އަމިއްލަ ގޮތުން ހުށަހެޅި 241 ފޯމެއް ވެސް ވަނީ ގަބޫލުކޮށްފައެވެ.
ނަމަވެސް، އެކި ސަބަބުތަކާ ހުރެ ޖުމްލަ 525 ފޯމެއް ބަލައިނުގަތުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އީސީން ބުނި ގޮތުގައި ކެންޑިޑަސީ ބާތިލްކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުށާއި ދަރަނީގެ ރެކޯޑް ފޯމުތައް ފުރިހަމަނުވުމާއި، ކަރެކްޝަނަލް ސާވިސްއިން ހޯދަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ނެތުން ހިމެނެއެވެ. މީގެ ތެރޭގައި ދަރަންޏެއް ނުވަތަ ކުށެއް އޮތް ނަމަ އެކަމުގެ ތަފްސީލު ހުށަހަޅާފައި ނެތް މައްސަލަތައް ވެސް ފާހަގަކުރެވެއެވެ.
މިފަހަރުގެ އިންތިހާބަކީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޖުމްލަ 629 ކައުންސިލަރުން އިންތިހާބު ކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ. އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހަމަވާއިރު، ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ވަނީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.



