ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު ހާމަކުރެއްވި ގޮތުގައި ރޭގެ ނިޔަލަށް މާލެ ސަރަހައްދުން އެކަނިވެސް 26,739 މަސްދަޅު ކޭސް ވަނީ ރައްޔިތުންނާ ހަވާލުކޮށްފައެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ މަރުކަޒުތަކުން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަދިޔާ ދޫކުރުން ކުރިއަށްދާނެއެވެ. މި މަސައްކަތް ތަރުތީބުކުރުމަށްޓަކައި ޚާއްޞަ ޕޯޓަލެއް މެދުވެރިކޮށް ކޮންމެ ރެއަކު 300 ޓޯކަން ދޫކުރަމުންދާއިރު، މާލޭގެ ސޯޝަލް ސެންޓަރާއި، ގަލޮޅު ދަނޑު އަދި ހުޅުމާލޭގެ އެކި ސްކޫލްތަކާއި ޓަވަރުތަކުގައި މި ހަރަކާތް ދަނީ ހިންގަމުންނެވެ. އަތޮޅުތެރޭގައި މި މަސައްކަތް ކުރިއަށްދަނީ އެ ރަށެއްގެ ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,673 ގޭބިސީއަކަށް މަސްދަޅު ކޭސް ބެހުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގެ 61,755 ގޭބިސީއާއި އަތޮޅުތަކުގެ 56,918 ގޭބިސީ ހިމެނެއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގައިވެސް މި މަސައްކަތް މިހާރު ދަނީ ވަރަށް އިންތިޒާމުވެގެން ކުރިއަށެވެ.
ކޮންމެ ރަމަޟާން މަހަކު ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ފަށާފައިވާ މުހިންމު ސިޔާސަތެކެވެ.



