ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު ބޭއްވުމަކީ އެންމެ އައުލާކަން ބޮޑު ގޮތް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް މިފަދައިން ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ގެންނަ އިސްލާހަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް އިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވަންޖެހޭ މިފަދަ ވޯޓެއް ވަކިން ބޭއްވުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެކެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ވަކިން ރެފަރެންޑަމް ބާއްވާނަމަ 60 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، ނަމަވެސް ކައުންސިލް އިންތިހާބާ އެކު ކުރިއަށް ގެންގޮސްފި ނަމަ އިތުރަށް ހޭދަވާނީ 20 މިލިއަން ރުފިޔާ ކަމަށް އުޝާމް ވިދާޅުވިއެވެ.
ގާނޫނީ އިޖުރާއާތުތަކަށް އަލިއަޅުއްވާލައްވަމުން އުޝާމް ވިދާޅުވީ، މަޖިލީހުން ބިލު ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން ކެބިނެޓުގެ ލަފައާއެކު ގަރާރެއް ނެރުއްވަން ޖެހޭނެ ކަމަށެވެ. އެ ގަރާރުގައި ވޯޓު ބާއްވާނެ ތާރީހެއްގެ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަސް ކަނޑައެޅުމަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ކަމަށާއި، އާންމުން ހޭލުންތެރިކުރުމަށް ގާނޫނުން ލިބޭ 45 ދުވަހުގެ މުއްދަތަކީ ވެސް އެކަށީގެންވާ ވަގުތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ކައުންސިލް އިންތިހާބާ އެކު ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދަން ބޭނުންވާ ނަމަ، މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެކަމާ ގުޅޭ ގަރާރު ކޮމިޝަނަށް ލިބެންޖެހޭނެ ކަމަށެވެ. އަދި ގާނޫނުން ލާޒިމުކުރާ ކަންކަން ފުރިހަމަކޮށް، އިންތިހާބުތައް ބޭއްވުމަށް ކޮމިޝަނުން އޮތީ ތައްޔާރަށް ކަމަށްވެސް އެ މުއައްސަސާއިން ވަނީ ކޮމިޓީގައި ހާމަކޮށްފައެވެ.



