ޒަކާތުގެ ޤާނޫނުގެ ދަށުން އުފައްދަންޖެހޭ ‘ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ’ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައި، އެ ކޮމިޓީއަށް މެންބަރުން ޢައްޔަނުކުރައްވައިފިއެވެ. މި ކޮމިޓީއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ ޤާނޫނު ތަންފީޛުކުރުމުގައި ބޭނުންވާ ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށްޓަކައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން އެކުލަވައިލެއްވި ކޮމިޓީއެކެވެ.
މި ކޮމިޓީގެ ޗެއަރޕަރސަންގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާނެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު އުސާމް މުޙައްމަދު ސަޢީދާއި، ބީ.އެމް.އެލް އިސްލާމިކްގެ ހެޑް އޮފް ޝަރީޢާ އަލްއުސްތާޛު ޢަބްދުލްހާދީ ޙުސައިަނާއި، އެޗް.އެސް.ބީ.ސީ އަމާނާ މެލޭޝިއާގެ ކަންޓްރީ ހެޑް އޮފް ޝަރީޢާ އަލްއުސްތާޛު އަޙްމަދު ފިރާސްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ސީނިއަރ ލީގަލް ސްޓްރެޓެޖިސްޓް އަލްއުސްތާޛު ޢަޒްމީނު ރަޝީދެވެ.
ޒަކާތުގެ ޤާނޫނުގައިވާ ގޮތުން މި ކޮމިޓީ އެކުލަވައިލަންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށެވެ. އަދި ކޮމިޓީގެ މެންބަރުންނަކީ އިސްލާމީ ޝަރީޢާގެ ދާއިރާއަކުން މަދުވެގެން މާސްޓާސް ޑިގްރީ (ލެވެލް 9) ޙާޞިލުކޮށްފައިވާ، އަދި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ބޭފުޅުންނަށް ވާންޖެހެއެވެ. މި ފަސް މެންބަރުންނަކީ ވެސް މި ޝަރުޠުތައް ފުރިހަމަވާ، ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
މި ކޮމިޓީ އުފެއްދުމާ ގުޅޭގޮތުން މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، މިއީ ރާއްޖޭގެ ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުޢީ ހިންގުންތެރިކަން ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޝަރުޢީ ހަމަތަކަށް ތަބާވުން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ނިންމުމުގެ ސަބަބުން ޒަކާތުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ޤާނޫނީ މަޤްޞަދުތައް ޙާޞިލުވުމަށް މަގުފަހިވާނެ ކަމަށް އެ އިދާރާއިން ދެކެއެވެ.



