ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު، މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޑރ. ވަހީދު މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވާފައެވެ.
ޑރ. ވަހީދު މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ރަސްމީ އިދާރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް، މި ދުވަސްވަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ޓްރެފިކިންގެ ބޮޑު ނެޓްވޯކެއް ހިންގި ޖެފްރީ އެޕްސްޓެއިންއާ ގުޅުވައި ސޯޝަލް މީޑިއާގައި ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައިވާ ވަގުތެކެވެ.
އެގޮތުން އެޕްސްޓެއިންއާ ރާއްޖޭގެ ރައީސަކު ބައްދަލުކުރި ކަމަށް ބުނާ އީމެއިލްތަކެއް މިދިޔަ އަހަރު ލީކުވެފައިވާއިރު، އެއީ ޑރ. ވަހީދު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް މިކަމާއި ގުޅުވައިގެން ޑރ. ވަހީދު އަދި މިޙާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ރައީސް މުޢިއްޒު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.



