ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނަވަން ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން (އީއީޒެޑް) ބޮޑު ބައެއް ގެއްލިފައިވާ ކަމަށާއި، އެ ސަރަޙައްދު އަނބުރާ ހޯދުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާ ކަމަށެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ޗާގޯސް ނުވަތަ ފޯޅަވަހީގެ ސަރަޙައްދަކީ ތާރީޚީ ގޮތުން ދިވެހި މަސްވެރިން ބޭނުންކުރަމުން އައި ސަރަޙައްދެކެވެ. އެހެންކަމުން، ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ރާއްޖޭގެ ފަރާތުން 18 ޖަނަވަރީ 2026 ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިޓްލޮސްއިން މައްސަލަ ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ކަމަށްވާއިރު، މިއީ ކުރީ ސަރުކާރުން ދޫކޮށްލި ސަރަހައްދެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
މި މައްސަލަ ދިރާސާކުރުމަށް އެކުލަވާލި ކޮމިޓީގެ ރިޕޯޓު މިދިޔަ މަހުގެ 22 ގައި ލިބިފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފަށާފައި ކަމަށެވެ. އެގޮތުން، ރައީސް ޞާލިޙްގެ ސިޓީފުޅު އަނބުރާ ގެނައުމަކީ މި މަސައްކަތުގެ ތެރެއިން ނިންމެވި މުހިންމު ނިންމުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މި މައްސަލައިގައި ރާއްޖެއަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ޖަވާބުދާރީ ކުރުވުމަށްޓަކައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިފައިވާތީ، އެކަމާ ގުޅޭގޮތުން ސުވާލުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ‘ކޮމިޝަން އޮފް އިންކުޔަރީ’ އެއް އުފެއްދުމަށް ނިންމާފައިވާކަން ވެސް ރައީސް މުއިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ. މި ކޮމިޝަނުގެ މަޤްޞަދަކީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަޙުޤީޤުކޮށް، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމެވެ.



