އަބޫ ދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އަށް ކުރީގެ ސަރުކާރުން ވިއްކާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑަށް ފައިސާ ދެއްކުމުގެ މުއްދަތު ފަސްކޮށްދިނުމަށް އެ ފަންޑުން އެއްބަސްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުރި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އެ ބޮންޑުގެ މެޗުއަރިޓީ މުއްދަތު ފަސް އަހަރަށް އިތުރުކޮށްދިނުމަށް އޭޑީއެފްޑީން މިހާރު ވަނީ އެއްބަސްވެފައެވެ.
“މި ސަރުކާރުން ކުރި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ރޯލްއޮވާކޮށް، މެޗުއަރިޓީ މުއްދަތު 5 އަހަރަށް އިތުރުކުރުމަށާއި މިކަމާ ގުޅޭ އެގްރިމަންޓުގައި ސޮއިކުރުމުގެ ޓާމްސްތަކަށް ވަނީ އެއްބަސްވެފައި،” ރައީސް ވިދާޅުވިއެވެ.
މި ބޮންޑަކީ ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ބޭނުމުގައި 26 އޭޕްރީލް 2018 ގައި އަބޫ ދާބީ ސެކިއުރިޓީސް އެކްސްޗޭންޖުގައި ލިސްޓުކޮށްގެން ވިއްކާފައިވާ ބޮންޑެކެވެ. މި ބޮންޑުގެ މުއްދަތު އިތުރުކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކޮށްފައިވަނީ ދައުލަތުގެ ދަރަނި މެނޭޖުކުރުމަށް ލުއިތަކެއް ހޯދުމުގެ މަގްސަދުގައެވެ.
އޭޑީއެފްޑީއަށް ވިއްކި މި ބޮންޑަކީ ފަސް އަހަރުގެ މުއްދަތަށް، އަހަރަކު 5.5 އިންސައްތައިގެ ކޫޕަން ރޭޓެއްގައި ދޫކޮށްފައިވާ ބޮންޑެކެވެ. ފިޗް ރޭޓިންގްސް އިން މި ބޮންޑަށް ދީފައިވަނީ ‘ބީ+’ ގެ ރޭޓިންއެކެވެ. މި ބޮންޑު ދެއްކުން ފަސްވެގެން ދިއުމަކީ ރާއްޖޭގެ މާލީ ހާލަތު މެނޭޖުކުރުމަށް ލިބިގެންދާނެ ބޮޑު ލުޔެއްކަމަށް ސަރުކާރުން ދެކެއެވެ.



