އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ސަރުކާރުގެ ފުރަތަމަ އައިނު ފިހާރައާއި، މާލޭން ބޭރުގައި ގާއިމްކުރި ފުރަތަމަ ކެތަރައިޒޭޝަން ލެބޯރެޓަރީ (ކެތު ލެބް) ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ޚިދުމަތް ދެމުން އަންނަ ކެތު ލެބާއި އައިނު ފިހާރަ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ ހޮސްޕިޓަލްތަކުގެ ގްރޫޕުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޙަލީމް ވިދާޅުވީ، “އެމްސީޖީއެޗް އޮޕްޓިކަލްސް”ގެ ނަމުގައި ސަރުކާރުން ފެށި މި ޚިދުމަތުގެ ދަށުން މިހާތަނަށް 13،000 އެއްހާ މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށެވެ. މީގެ ތެރެއިން 12،056 މީހަކަށް އައިނު ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވައި، ޙަލީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރީޖަނަލް ހޮސްޕިޓަލުތަކަށް މި ޚިދުމަތް އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ސަރުކާރުން އައިނު ހެއްދުމުގެ ޚިދުމަތް ދޭން ފެށުމުގެ ކުރިން މި ޚިދުމަތް ރާއްޖޭގައި ދެމުން އައީ ހަމައެކަނި އަމިއްލަ ފަރާތްތަކުންނެވެ. އައިނު ހެއްދުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާއިރު، މީގެ ކުރިން އާސަންދައިން ކަވަރުކޮށްދެމުން އައީ 1،000 ރުފިޔާއެވެ. ނަމަވެސް، އަމިއްލަ ފިހާރަތަކުން އައިނު ހެއްދުމުގައި އާންމުން އަތުން ބޮޑު ހޭދައެއް ކުރަންޖެހޭތީ އޮތް ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ މި ޚިދުމަތް އާސަންދައިގެ ދަށުން ހިލޭ ލިބޭނެ މަގު ފަހިކޮށްދީފައެވެ.
ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖުލައި މަހުން ފެށިގެން އާސަންދައިން އައިނަށް ދޭ އަދަދު 2،000 ރުފިޔާއަށް އިތުރުކޮށްދެއްވައިފައެވެ.



