މި އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަ ރޯދައިގެ މުއްދަތުގައި މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި އުކާލުމަށް ހަމަޖެހިފައިވާ ވަގުތުތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބަދަލު ގެނެސްފިއެވެ. މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.
ވެމްކޯ އިން ހާމަކޮށްފައިވާ ގޮތުގައި މާލޭގެ ގޭބީސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ރޭގަނޑެއްގެ 8:30 އިން ފެށިގެން ދަންވަރު 2:00 އާ ހަމައަށެވެ. މިއީ ރޯދަ މަހުގެ ތެރޭގައި އާންމުންނަށް ލުއިފަސޭހަވާނެ ގޮތަކަށް ބަލައި ކަނޑައަޅާފައިވާ ވަގުތުތަކެއް ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
ހުޅުމާލެ އަދި ވިލިމާލޭގައި ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހުޅުމާލޭގައި ކުނި ނަގާނީ ރޭގަނޑު 9:00 އިން ދަންވަރު 2:30 އާ ދެމެދުގައެވެ. އަދި ވިލިމާލޭގައި ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު 9:00 އިން ދަންވަރު 1:00 އާ ދެމެދު ކަމަށް ވެމްކޯ އިން ބުނެފައިވެއެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ކުނި އުކާލުމުގެ އިންތިޒާމުތަކަށް ވެމްކޯ އިން ބަދަލު ގެންނަކަން ފާހަގަކުރެވެއެވެ. މި ބަދަލަކީ ރޯދަ މަހުގެ ދިރިއުޅުމުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ކުނި މެނޭޖްކުރުމުގެ ހިދުމަތް މެދުނުކެނޑި އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.



