މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، ހެޔޮ އަގުގައި ތެޔޮ ލިބުމުގައި ހުރި ދަތިކަން ކަމަށާ މިކަން ހައްލުކުރުމުގެ ގޮތުން ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑްތައް ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީސް، މި ހިނގާ 2026 ވަނަ އަހަރަށް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބުމުގައި ހުރި ދަތިކަން ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެސް.ޓީ.އޯ.ގެ ފުރަތަމަ ފިއުލް ސްކިޑް، ރ. ދުވާފަރުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ތެޔޮ ލިބުމުގައި ހުރި ދަތިކަން ހައްލުކުރުމަށް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑްތައް ހުޅުވާނެކަމަށެވެ.
މީގެއިތުރުން ބޮޑުކަންނެލި މަސްވެރިންނަށްވެސް، އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.



