މާލޭގެ މޫނުމަތިން ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބާޒާރުމަތީ ސަރަހައްދުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.
މަގު ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސައިޓަށް ވަޑައިގެން ރައީސް ވަނީ މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ މިންވަރު ވަޒަންކުރައްވާފައެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގަތުމުން މަރުޚަބާ ދެންނެވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްޠަލިބެވެ.
މި މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ ދަށުން ތަރައްގީ ކުރަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. މި ސަރަހައްދުގެ މަގު ފުޅާކޮށް ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމާލުމެވެ. މިއީ މާލޭގެ އެންމެ ބާރުބޮޑު ސަރަހައްދުގެ ޓްރެފިކް މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ މަސައްކަތެކެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ އުތުރު ފަރާތުގެ މޫނުމަތި ޒަމާނީ ފެންވަރަށް ބަދަލުވެ، ދަތުރުފަތުރު ކުރުމަށާއި މުދާ އުފުލުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫއުގައި ހިމެނޭ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިންމައި މިދިޔަ ޑިސެމްބަރު މަހު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެ ފިޔަވަހީގައި ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށް މަގު ފުޅާކޮށް ތާރު އަޅާފައިވެއެވެ. މިހާރު ކުރިއަށްދާ ދެވަނަ ސެގްމަންޓުގެ މަސައްކަތާއެކު މުޅި ސަރަހައްދުގެ މަލަމަތި ބަދަލުވެގެންދާނެއެވެ.



