ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މިދިޔަ ހަފުތާގައި ޖަލުގައި މަރުވި ދެ ގައިދީއެއްގެ މަރުގެ ހަގީގަތް ހޯދުމަށްޓަކައި ޕޯސްޓުމޯޓަމް ނުވަތަ އޮޓޮޕްސީ ހަދަން ފުލުހުން ނިންމައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ދެ މީހުންގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްޓަކައި ރާއްޖޭއިން ބޭރަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުގެ ހެނދުނު އެންމެ ފުރަތަމަ މަރުވީ ދަފްތަރު ނަމްބަރު 439، އިބްރާހީމް ސުހައިލް (53އ) އެވެ. ކަރެކްޝަންސް އިން ބުނި ގޮތުގައި ސުހައިލް މަރުވީ ސްޓްރޯކެއް ޖެހިގެން ހާލު ދެރަވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފުތާއެއް ފަހުން ނިއުމޯނިޔާ ބަލީގައެވެ.
އެ ދުވަހު ދެވަނައަށް މަރުވެފައިވަނީ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، ހަސަން ނިޔާޒު (45އ) އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ނިޔާޒު މަރުވީ ހުޅުމާލެ ޖަލުގައި ހުއްޓާ ހާލު ސީރިއަސްވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ހުކުމް އިއްވާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.
ޖަލުގައި ކުއްލި ގޮތަކަށް ގައިދީން މަރުވާ މައްސަލަތަކުގައި މަރުގެ ސަބަބު ދެނެގަތުމަށް ފުލުހުން އަންނަނީ ތަހުގީގުތައް ހިންގަމުންނެވެ. މިގޮތުން މި ދެ މަރުގެ މައްސަލައިގައި ވެސް އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން، ސައިންޓިފިކް ތަހުލީލުތައް ކުރުމަށް ހަށިގަނޑުތައް ބޭރަށް ފޮނުވުމުގެ އިދާރީ ކަންކަން މިހާރު ދަނީ ކުރިއަށެވެ.



