މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ 8ރޭ ދަންވަރު 12:45 އެހައިކަންހާއިރުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހައިވޭގެ ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގެ ފަހަތުން ދުއްވާފައި އައި އެހެން ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް ޖެހުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓާ އެކު ކާރު ކޮންޓްރޯލުން ނެއްޓި ސައިކަލު ލޭނަށް އަރައި، އެ ވަގުތު ދަތުރުކުރަމުންދިޔަ ހަތަރު ސައިކަލެއްގައި ޖެހިފައިވާ ކަމަށް ފުލުހުންބުނެފައިވެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ހަތަރު ދިވެހި ފިރިހެނުންނަށެވެ. އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އަނެއް ދެ މީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތަކަށް އެކި ވަރުގެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



