ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ހޮސްޕިޓަލްތަކުގެ ތެރެއިން 6 ހޮސްޕިޓަލެއްގެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް ވިދާޅުވީ، މި ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ސިއްޙީ ނިޒާމުގެ އުމްރާނީ ތަރައްޤީއަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
މިއަހަރުގެ ތެރޭގައި މަސައްކަތް ނިމި ޚިދުމަތް ދޭން ފެށޭނެ ކަމަށް ބެލެވެނީ ހއ. ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު އަދި ކ. ގުރައިދޫ ހޮސްޕިޓަލެވެ. ޝަރީފް ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ގިނަ ރަށްތަކެއްގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރެވި، ބައެއް ތަންތަން ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.
“މިއަހަރުގެ ތެރޭގައި 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށް މިބަލަނީ،” ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ސިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމެވެ. މާލެއަށް އަންނަންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ މާލީ އަދި އެހެނިހެން ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރަމުންނެވެ.
މީގެ އިތުރުން، ރަށްރަށާއި މާލެ ސަރަހައްދުގައި ޖީޕީ ކްލިނިކްތަކާއި އިތުރު ހޮސްޕިޓަލްތައް ބިނާކުރުމުގެ މަޝްރޫޢުތައްވެސް ދަނީ ރޭވެމުންނެވެ. މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ސިއްޙީ ދާއިރާއަށް ބޮޑު އިސްކަމެއް ދީފައިވާއިރު، އަހަރު ނިމުމުގެ ކުރިން އިތުރު ގިނަ މަޝްރޫޢުތަކެއް އަމަލީގޮތުން ފެށިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



