ސަރުކާރުން ރައްޔިތުންނަށް ދެއްވާ ރޯދަ ހަދިޔާގެ ގޮތުގައި މާލެ ސަރަޙައްދުގައި މިހާތަނަށް 53،800 އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިދިޔަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މާލެ ސަރަޙައްދުގެ ގިނަ ގޭބިސީތަކަށް މިހާރު ވަނީ މަސްދަޅު ކޭސް ފޯރުކޮށްދެވިފައެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ މައިގަނޑު މަސައްކަތް މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ނިންމާލާފައިވީ ނަމަވެސް، އެކި ސަބަބުތަކާހުރެ ކޭހާ ހަވާލުނުވެވޭ ފަރާތްތަކަށް އެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން، މިހާރު މަސްދަޅު ކޭސް ދޫކުރަމުންދަނީ މާލޭގައި ހުންނަ މިފްކޯ މަރުކަޒުންނެވެ. މިފްކޯ މަސް ފިހާރައިން ކޮންމެ ރެއަކު 08:30 އިން 11:00 އާ ހަމައަށް މި ޚިދުމަތް ލިބޭނެ ކަމަށާއި، މި ފުރުޞަތު މުލަ ރޯދަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަޙައްދުގައި ރަޖިސްޓްރީކޮށްފައިވާ 65،230 ޑޮމެސްޓިކް މީޓަރުގެ ތެރެއިން 11،700 އަށްވުރެ ގިނަ ގޭބިސީން އަދިވެސް މަސްދަޅު ކޭހާ ހަވާލުނުވެއެވެ. އެހެންކަމުން، ފަހު ވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަކަށް ހަދިޔާއާ ހަވާލުވުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. މާލެ ސަރަޙައްދުގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކައުންސިލްތައް މެދުވެރިކޮށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.
ކޮންމެ ރަމަޟާން މަހަކު ގޭބިސީތަކަށް ރޯދަ ހަދިޔާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.



