ސަރުކާރުގެ “ގެދޮރުވެރިޔާ” މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން 3600 އަށް ވުރެ ގިނަ ފްލެޓު މިހާތަނަށް ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ފްލެޓުތަކަށް ރައްޔިތުންނަށް ވަދެވޭނެ އިންތިޒާމުތައް ފުރިހަމަކޮށް ނިންމުމަށް ސަރުކާރުން ހިފާފައިވާ އަމާޒުގެ ދަށުން އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލައި، ތަޅުދަނޑި ހަވާލުކުރުމުގެ ކަންކަން އެފްޑީސީން ދަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
ޕީއެސްއެމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް އާއި ހަވާލާދީ ބުނެފައިވާގޮތުން މިހާތަނަށް ޖުމްލަ 3850 ފަރާތަކާއެކު ފްލެޓުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މީގެ ތެރެއިން 3647 ފަރާތަކަށް މިހާރު ވަނީ ތަޅުދަނޑި ހަވާލުކުރެވިފައެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާ ހުރެ ތަޅުދަނޑިއާ ހަވާލުވާން ނާދެވޭ 90 އެއްހާ ފަރާތްތައް ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ލިޔެކިޔުންތައް އިތުރަށް ޔަގީންކުރަން ޖެހޭތީ ވުޒާރާގެ ފަރާތުން އަދި އެލޮކޭޓް ނުކުރާ 112 ފްލެޓެއް ވާކަމަށާއި، އެ ލިސްޓު ލިބުނުހާ އަވަހަކަށް އެ ފަރާތްތަކާ ވެސް ފްލެޓު ހަވާލުކުރާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ މި މަޝްރޫޢުގައި ހިމެނެނީ 16 ފަންގިފިލާގެ 32 ޓަވަރެވެ. މީގެ ތެރޭގައި ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭއިރު، ހުރިހާ ތަނަކަށް ވެސް ފެނާއި ކަރަންޓުގެ ޚިދުމަތް މިހާރު ވަނީ ގުޅައިދީފައެވެ.
އެފްޑީސީން ބުނީ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަނީ ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ.



