އިޞްލާޙުގެ ފެށުމަކީ ތިމާކަމަށްވާތީ، އާއިލާއަކަށް، މުޖުތަމަޢަކަށް ނުވަތަ ޤައުމަކަށް އިޞްލާޙެއް، ނުވަތަ ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ، އެ ބަދަލެއްގެ ޢަމަލީ ނަމޫނާއަކަށް ވާންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، 1447 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމާ ގުޅިގެން، ފޮނުއްވި ޚިތާބުގައެވެ. މި ޚިޠާބުގައި އެމަނިކުފާނު ވަނީ، ރަމަޟާންމަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ފޮނުއްވާފައި ވެއެވެ.
އެމަނިކުފާނުގެ ޚިޠާބުގައި، މާތް ﷲ ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށާއި، ކުށްފާފަތަކަށް އަރައިގަތުމަށް ބިރުވެތިވެ، އެކަންކަމުން ދުރުހެލިވުމަށާއި، ތެދުމަގުގައި ސާބިތުވެ، ހެޔޮ ކަންކަންކުރުންމަތީ ދެމިތިބުމަށްޓަކައިކަމުގައި ވިދާޅުވެފައިވެއެވެ. އަދި މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން ބައްދަލުކުރި ހިނދު، މުޖުތަމަޢިން ދެކެން ބޭނުންވާ، ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ދީނީ ކަންކަމާއި، އާދަކާދައިގެ ކަންކަން ހިމެނޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އެގޮތުން އެމަނިކުފާނު ވަނީ، ދިވެހި މުޖުތަމަޢަކީ، ފަސްވަގުތު ނަމާދުކުރާ، ކުޑަކުދީންގެ ކަރާމާތް ރައްކާތެރިކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމުކުރާ މުޖުތަމަޢެއްކަމުގައި ވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައިވެއެވެ.
އަދި، މަސްތުވާތަކެތިން ސަލާމަތްވެފައިވާ، ޞިއްޙީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނާ، އަދި ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށްހިތާ، ދިވެހީންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި، ދިވެހިވަންތަ، ތަހުޒީބު، އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމަޢެއް ދެކިވަޑައިގަންނަވަން ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
މި ސިފަތައް ހުރި މުޖުތަމަޢެއް ބޭނުންވަނީ، ދިވެހިރާއްޖޭގެ އަމާންކަމާ، ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަށްޓަކައިކަމަށާއި، ހެޔޮލަފާ، ޚުލްޤުހެޔޮ އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށްޓަކައިކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި އޭގެ ސަބަބުން، ދިވެހީންގެ ޤަދަރު މަތިވެރިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
ރަމަޟާން މަހަކީ، އަޚުލާޤުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭ މައްސަރުކަމުގައިވާތީ، އަޅުކަންތައްތަކުން ވަގުތުތައް ރާވާލުމާއި، ޛިކުރުތަކުން ތަޤުވާވެރިވުމާއި، ހިތާއި ރޫޙާއި ހަށިގަނޑު، ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކޮށްދިނުމަށްވެސް އެމަނިކުފާނުގެ ޚިތާބުގައި ބާރުއަޅުއްވާފައިވެއެވެ.
އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވާފައިވަނީ، ހުރިހާ ހެޔޮ ޢަމަލުތައް، ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފަށައި، މި ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހެދުމަށް ނަޞޭހަތްތެރިވެވަޑައިގަންނަވަމުންނެވެ.



